
މުޙައްމަދު އިރުޝާދު އއ.މާޅޮސް
ބައެއް ބޭފުޅުނަށް ހީފުޅުވެލައްވާ ގޮތުން ދީނުގައި އައިސްފައިވާ ބައެއް ކަންތައްތަކަކީ ހަމަބުއްދިއާ ތަޢާރަޟްވާ ކަންތައްތަކެވެ. ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. ހަވާނަފްސާއި ޝުބުހާ ތަކުން ސަލާމަތް ވެފައިވާ ސިކުނޑިއެއް އިސްލާމް ދީނުގައި އައިސްފައިވާ ޞައްޙަ ދަލީލަކާއި ތަޢާރުޟެއް ނުވާނެއެވެ. އެއީ ތަޞައްވުރު ނުކުރެވޭ މުސްތަހީލު ކަމެކެވެ.
ސިކުނޑީގެ އުނިކަމަކުން ނުވަތަ ފަސާދަ ވުމުގެ ސަބަބުން ނުވަތަ އެ ދަލީލެއްގައި އައިސްފައިވާ އެއްޗެއް ނުވިސްނުމުގެ ސަބަބުން ގުރުއާނާއި ސުންނަތް ހަމަބުއްދިއާ ތަޢާރަޟް ވާކަމަށް ހީފުޅުވެލައްވަނީ ކަމުގައި ވާނަމަ އެކަމެއްގައި ﷲ ގެ ވަޙީ ބަސްފުޅު އިސްކުރަން ޖެހޭނެއެވެ.
އިބްނު ތައިމިޔާ ރަހިމަހު ﷲ ވިދާޅުވެފައިވަނީ: މުސްލިމުން ދީނުގެ ހުރިހާ ކަމެއްވެސް ނަގަނީ ގުރުއާނާއި ސުންނަތާއި އަދި އެ ގުރުއާނާއި ސުންނަތުގެ މައްޗަށް އުއްމަތުގެ ސަލަފުން އިއްތިފާގު ވެފައިވާ ކަންކަމުންނެވެ. އެއީ ބުއްދި ގަބޫލް ނުކުރާ ބުއްދިއާ ޚިލާފު ކަމެއް ނޫނެވެ. ރަނގަޅު ބުއްދިއާ ޚިލާފު ކަމެއްނަމަ އެއީ ބާޠިލު އެއްޗެކެވެ. ޤުރުއާނާއި ސުންނަތާއި އިޖުމާޢު ގައި ބާޠިލު އެއްޗެއް ނުހުންނާނެވެ.
ނަމަވެސް ފަހަރެއްގައި ބައެއް ބޭފުޅުންނަށް ވިސްނައިގަންނަން އުނދަގޫ ކަމެއް ހުރެދާނެއެވެ. ނުވަތަ ބާޠިލު މާނައެއް ވިސްނިދާނެއެވެ. އެހެންނަމަވެސް އެއީ ދީނުގެ ނައްޞުތަކުގެ ކުށެއް ނޫނެވެ. މައްސަލަ ހުރީ އެވިސްނުމެއް ވިސްނި ބޭފުޅެއްގެ ކިބައިގައެވެ.

